ދުނިޔޭގެ އެކި ބައްރުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ނުރައްކާ ސްޕެއިނަށް ކުރިމަތިވެ އެގައުމުން ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ. ސްޕެއިންގައި ކޮރޯނާވައިރަސް ޕޮސިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 4000 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 120 އަށް އަރާފައެވެ.

ސްޕެއިންގައި ކުއްލި ހާލަތު އިއުލާޏު ކުރުމާއެކު، ސްޕެއިންގެ ކާރޫބާރު ބޮޑެތި މަގުތަކާއި، ސްކޫލުތަކާއި، ޝޮޕިންމޯލްތައް ވަނީ ފަޅުވެފައެވެ.

ސްޕެއިންގައި ކުއްލި ހާލަތު އިއުލާން ކުރި އިރު، އެމެރިކާއިން ވަނީ ޔޫރަޕުގެ ގިނަ ގައުމުތަކުން އެމެރިކާއަށް ދަތުރު ކުރުންވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ. ޔޫރަޕުން ދުވާލެއްގެ މައްޗަށް 270 ފްލައިޓް އެމެރިކާއަށް ދެއެވެ. އެމެރިކާގެ މި ފިޔަވަޅާއެކު ޔޫރަޕުގެ ގިނަ ގައުމުތަކުގެ ފްލައިޓް އޮޕަރޭޓަރުންނަށް ވަނީ އިގުތިސޯދީގޮތުން ލޮޅުން އަރާފައެވެ.

ކޮރޯނާވައިރަސް އެމެރިކާގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެމެރިކާގައި މިބަލި ހަލުވި ކަމާއެކު ފެތުރެމުންދާ އިރު ނިއުޔީކް ސިޓީ ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. އަދި އެމެރިކާގައި މި ބަލި ފެތުރޭ ނިސްބަތް ބާރު ކަމާއެކު، އެމެރިކާގެ ރައްޔިތުން ޓެސްޓްކުރަން ބޭނުންވާ ވަރަށް ޓެސްޓް ކިޓް ނެތުމުގެ ދަތިކަންވެސް އެމެރިކާއަށް ވަނި ކުރިމަތިވެފައެވެ.