ހަކުރު ބަލީގެ މައްސަލަ ހުންނަ މީހަކު މާރުކޭޓު ސަރައްހަދުގައި އަނބުރައިގަނެގެން ވެއްޓިފައި އޮތް މީހަކަށް ފުލުހުންގެ އެހީތެރިކަން ދީފިއެވެ.

ފުލުހުން ބުނީ މާލޭގެ މާރުކޭޓު ސަރަހައްދުގައި އަނބުރައިގަނެގެން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:20 އެހާކަށްހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އަނބުރައިގަނެގެން ވެއްޓިފައި ވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމުގައި މިއަދު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އެއީ އެމީހާ ހަކުރު ދަށަށް ދާތީ ކުރިންވެސް ވާ ގޮތެއް ކަމަށެވެ.

މީގެކުރިންވެސް ފުލުހުން ވަނީ މިފަދައިން އެތައް ބަޔަކަށް އެހީތެރިވެދީފައެވެ. އެކަމުގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާއާ ވަކިވަކި ފުލުހުންނަށް އާއްމުންގެ ތައުރީފު ވަނީ ލިބިގެން ގޮސްފައެވެ.