ސިކްސް ސެންސެސް ރިސޯޓުން ކޮވިޑް19 އަށް ޝައްކުވާ މީހުންނަކީ ކައިވެންޏަކަށް ދިޔަ ބައެއް ކަމަށް ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ސިކްސް ސެންސެސް ރިސޯޓުން ކޮވިޑް19 އަށް ޝައްކުވާ މީހުންނަކީ ކައިވެންޏަކަށް ދިޔަ ބައެއް ކަމަށް ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ހަތަރު މީހުންނަކީ ވެސް އެމީހުންގެ އަމިއްލަ ގައުމުގައި އޮތް ކައިވެންޏަކަށް ދާދިފަހުން ދިޔަ ބައެއް ކަމަށެވެ. އަދި އެ މީހުން އެނބުރި ރާއްޖެއަށް އައިއިރު އެމީހުން ދިޔަ ކައިވެނީގެ ހަފްލާގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެކަމުގައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށީގައި މިވަގުތު 9 މީހަކު އެބަތިބި ކަމަށެވެ. އަދި ވިލިވަރު އައިސޮލޭޝަންގައި 17 މީހަކު އެބަތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގެ ގޮތުން ސިކްސް ސެންސަސް ލާމު ރިސޯޓުން ދެ ބިދޭސީއަކު އެ ރިސޯޓުގައި އައިސޮލޭޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން އައިސޮލޭޓު ކުރީ ރާއްޖެ އައުމުގެ ކުރިން އެ ދެ މީހުން ކޮވިޑް19 ޖެހިފައިވާ މީހަކާއި ކޮންޓެކްޓު ވުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް19ގެ ސަބަބުން ރާއްޖެއިން މިހާރު ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ އިއުލާން ކުރެއްވި މި ހާލަތު 30 ދުވަހުގެ މުއްދަތަކަށް ދެމިގެން ދާނެއެވެ.