ކޮވިޑް19 އަށް އަނަންތަރާ ދިގު ރިސޯޓުން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުން އެމީހާ ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި އޭނައާއި ކޮންޓެކްޓް ޓްރޭސްވި 11 މީހަކު އެކަހެރި ކޮށްފައިވާ ކަމަށާއި، އެފަރާތްތައް މޮނީޓާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް އަނަންތަރާ ރިސޯޓުން ބިދޭސީއަކު ޕޮޒިޓިވް ވުމާއެކު، މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 9 ވަނަ ފަރާތެވެ.

ކޮވިޑް19 އަށް ހަތަރު މީހަކު ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ވެފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓުން ޕޮޒިޓިވް ވެފައިވަނީ ދެ މީހުންނެވެ. އަދި ކުރަމަތި ރިސޯޓުންވެސް ދެ މީހަކުވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ނެވެ. އަދި މިހާތަނަށް ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީން ނެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ. ކޮވިޑް19 އަށް މިހާތަނަށް 128،343 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 4،721 މީހުންވަނީ މަރުވެފައެވެ. އަދި ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް19 އަކީ ދުނިޔޭގައި ފެތުރިފައިވާ ބަލިމަޑުކަމެއްގެ އިއުލާންކޮށްފައެވެ.