ގއ. އަތޮޅު ހޮސްޕިޓަލަށް މީހަކު ގެންދިޔައިރު ނިޔާވެފައިވާ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ފަތިހު 05:00 ހާއިރު ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 05:09 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި މި މައްސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެކުރިން ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ނިޔާވި މީހާގެ މަރާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން 24 އަހަރުގެ ދެ މީހަކާއި 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދިވެސް މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.