ސޫރަތުލް ފީލަކީ އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ފަދައިން ފީލް ބާގައިގެ މީހުން (އެތުގެ އެކުވެރިން) ކަޢުބަތުﷲ ގެފުޅު މުގުރާލަން ދިއުމުން ﷲ އެބައިމީހުންނާ މެދު ކަންކުރެއްވި ގޮތުގެ ވާހަކަ ބަޔާން ކުރެވުނު ސޫރަތެވެ. އެބައިމީހުން [ފީލް ބާގައިގެ] މީހުން ހަލާކު ކޮށްލަން އުޅުނީ މާތްﷲގެ ގެފުޅެވެ.

އިލްމުވެރިން ވިދާޅުވެއެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަންތައް ކުރެއްވި ގޮތް" މިފަދައިން އޮތުމުން އެކަނިވެސް އެކަން އެވަނީ ސީދާ ﷲ އަށް ނިސްބަތްވެފައިކަން އެނގިގެން ދާކަމަށެވެ. އަދި މިކަން ގުޅިފައި ވަނީ އެކަލާނގެ އަށް ނިސްބަތްވާ ތަނަކާއި ކަމަށާއި އެއީ ﷲ ގެ ގެފުޅު ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

ކޮންމެއަކަސް މިދުވަސްވަރަކީ މުޅި ދުނިޔެއަށް ވެސް ބަލި މަޑުކަމެއް ފެތުރިގެން އުޅޭ ދުވަސް ވަރެކެވެ. ކޮވިޑް19، މުޅި ދުނިޔޭގައި ފެތުރި އެތައް ބަޔަކަށް މި ބަލި ޖެހި އެތައް ގައުމެއްގެ އިގްތިސޯދު ފުނޑު ފުނޑުވެގެން ދަނީއެވެ. އެކަމުގެ ސަބަބުން މި ބިންމަތީގައިވާ އެންމެ މާތް މުގައްދަސް އަދި އެންމެ ޒަމާންވީ ބިނާ ކަމަށްވާ މައްކާގައި ހުންނަ ހަރަމްފުޅު ވެސް ވަނީ މި ބަލިމަޑުކަމާ ގުޅިގެން ބަންދު ކޮށްފައެވެ. އެތަން ބަންދު ކުރަން ޖެހުނީ ވެސް މި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި ސައުދީ އަރަބިއްޔާ އިން ވެސް މި ބަލި ފެނުމުންނެވެ. މި ސަބަބަށްޓަކައި ހުރިހާ މުސްލިމުންގެ ގިބުލަ ކަމުގައި ގެފުޅު ވަށާ ތޮވާފު ކުރުން ބަންދު ކުރީ އެންމެންގެ ސަލާތަށްޓަކައެވެ. ގެފުޅު ބަންދު ކުރީ ސާފު ކުރުމަށެވެ.

ނަމަވެސް ރޭ ސޯޝަލް މީޑިއާގައި އާދަޔާ ހިލާފު ވީޑިއޯއެއް ފެނިގެން ދިޔައެވެ. އެއީ ގެފުޅުގެ މަތިން އުދުހެމުން ދިޔަ ދޫނި ބައިގަނޑެކެވެ. އެ ދޫނި ބައިގަނޑު އުދުހެމުން ދިޔައީ ގެފުޅުގެ މަތިންނެވެ. އަދި އިތުރު އެއްވެސް ދިމާލަކަށް އެ ދޫނި ބައިގަނޑު ނުދެއެވެ. ހަމަ ގެފުޅު ވަށައިގެން އުދުހިލަ އުދުހިލަ ތިބީ ކަމަށް ވީޑިއޯ ޝެއާކުރި ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސުވާލަކީ އެއީ ކޮން ކަމެއް ހެއްޔެވެ. މި ސުވާލުގެ ޖަވާބު ސީދާ ނޭނގުނު ނަމަވެސް ﷲގެ ގެފުޅު ﷲ ހިމާޔަތް ކުރައްވާނެ ވާހަކައަކީ އަޑުއަހާ ވާހަކައެކެވެ. އެންމެހާ މުސްލިމުން ގަބޫލު ކުރާ ހަގީގަތެކެވެ.

މީގެ ކުރިން ދުވަހަކުވެސް ހަރަންފުޅު ސަހަރައްދު ސާފު ކުރަން މިފަދަ ގޮތަކަށް ބަންދެއް ނުކުރެއެވެ. ސައުދީ ސަރުކާރުން ބުނީ ކޮވިޑް19 އަަށް ޖުމްލަ ފަސް މީހަކު އެގައުމުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އިތުރު ބައެއްގެ ޓެސްޓުތައް ހަދަމުންދާ ކަމަށްވެސް ސައުދީން ބުނެއެވެ. ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު ފަހުއެވެ. އެ ސަރަހައްދުގައި ތޮވާފް ކުރަން ތިބި އެންމެން ސިފައިން ނެރުނެވެ.

މައްކާ އާއި މަދީނާގެ ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވެފައިވަނީ ސައުދީ ސަރުކާރުން ފިޔަވަޅުތައް އެޅީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި އެފަދަ ފިޔަވަޅުތަކާ މެދު ބިރު ނުގަތުމަށް ގޮވާލައްވާ ކަމަށެވެ. މަސްޖިދުލް ހަރަމްގައި މި މަހުގެ 9ވަނަ ދުވަހު އިޝާ ނަމާދު އިމާމްވެ ކުރެއްވުމަށް ފަހު ސުދައިސް ދެއްވި ތަގްރީރުގައި ވިދާޅުވީ ކޮރޯނާވައިރަސް ފަދަ ބަލިތައް ވަނީ ދުނިޔެ އަށް އައިސްފައި ކަމަށާއި ހުރިހާ ކަމެއް ވެސް ﷲ މެދުވެރިކުރައްވަނީ އިމްތިހާނަކަށް ކަމަށެވެ.

ގެފުޅު މަތީގައި މީގެ ކުރިންވެސް ދޫނި އުދުހި އުޅެއެވެ. އަދި 2 ނުވަތަ 3 ދޫނި އެކުގައިވެސް އުދުހި އުޅެއެވެ. ނަމަވެސް މިހަފަރު އުދުހެމުންދިޔަ ދޫނީގެ އަދަދު ގިނަ ވުމަކީ އެކަމަށް ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކަށް ވިއެވެ.