ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ފާކުތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ޕާކުތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތް ކުރުމަށް ވަކި ގޮތެއް އަންގަން ދެން ހުއްޓާލުމަށް އަންގާފައެވެ.

އެޗްޕީއޭން މި ނިންމުން ނިންމާފައިވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ)ގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުންނެވެ.

ކޮވިޑް19އާއި ގުޅިގެން ޕާކުތަކައި މައިޒާންތަކަށް އެއްވުން މަނާކޮށްފައިވާއިރު، މާލެއަށް އެކްސްކާޝަނަށް މީހުން އައުންވެސް ވަނީ މަނާކޮށްފައެވެ. އެޗްޕީއޭއިން ބުނީ އެކްސްކާޝަންގެ ގޮތުގައި ރިސޯޓަކުން، ގެސްޓްހައުސްއަކުން ނުވަތަ ސަފާރީއަކުން، މާލެ، ހުޅުމާލެ، ވިލިމާލެ (މާލެ ސަރަހައްދަށް) މީހުން އައުމާއި ދިއުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އެޗްޕީއޭން މި ނިންމުން ނިންމާފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. ބަތަލާ ސޭންޑީޒް ރިސޯޓުން ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ކުރަމަތި ރިސޯޓުންވެސް ވަނީ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ. މި ބަލި ރާއްޖެއިން ފެނުމާ އެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ހުޅުވުން ހަފްތާއަަކށް ފަސްކޮށްފައިވާއިރު އަންނަ ލޯކަލް ކައުންސިލް އިންތިހާބު ވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެވެ.