ކޮވިޑް-19 އާ ގުޅިގެން މާލެއަށް، މަދު ވަގުތު ކޮޅަކަށް ނުވަތަ އެކްސްކާޝަނަށް މީހުން އައުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، އެކްސްކާޝަންގެ ގޮތުގައި ރިސޯޓަކުން، ގެސްޓްހައުސްއަކުން ނުވަތަ ސަފާރީއަކުން، މާލެ، ހުޅުމާލެ، ވިލިމާލެ (މާލެ ސަރަހައްދަށް) މީހުން އައުމާއި ދިއުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އެޗްޕީއޭން މި ނިންމުން ނިންމާފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ.

އެޗްޕީއޭން މި ނިންމުން ނިންމާފައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުންނެވެ.

މީގެ އިތުރުން އެޗްޕީއޭން ވަނީ ގްސްޓްހައުސްތްކާއި، ރިސޯޓްތައް އަދި ސަފާރީތަކާއި އެނޫންވެސް އެކްސްކާޝަންތައް ރާވާ އޮޕަރޭޓް ކުރާ ފަރާތްތަކުން މި ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް އަންގާފައެވެ.

މާލެއަށް އެކްސްކާޝަންތައް ހުއްޓާލާފައިވާއިރު، ރާއްޖެއިން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 8 މީހަކު ފެނިފައެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ.

އަދި މިރޭ އެކަނި ވެސް ވަނީ އަނަންތަރާ ދިގު މޮލްޑިވްސް ރިސޯޓާއި ސިކްސް ސެންސަސް ލާމު ރިސޯޓް އަދި ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ 4 މީހުން ފެނިގެން އެމީހުން އެކަހެރިކޮށްފައެވެ.

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ މި ބަލި ރާއްޖެއިން ފެނުމާ އެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ހުޅުވުން ހަފްތާއަަކށް ފަސްކޮށްފައިވާއިރު އަންނަ ލޯކަލް ކައުންސިލް އިންތިހާބު ވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެވެ. ހަމައެއާއެކު މި ބަލިން ރައްކާތެރިވުމުގެ ގޮތުން އާޏމު ސާފްތާހިރުކަމަށް ސަމާލުވުމަށް ގޮވާލައި އެއްވެ ނޫޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.