އަނަންތަރާ ދިގު ރަށުން ކޮވިޑް-19އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން އެކަހެރި ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ‏⁧‫ކޮވިޑް-19‬⁩ އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭން ބުނީ، އޭނާގެ ‏ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ރިސޯޓުގައި އެކަހެރިކުރެވިފައި ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 8 ބިދޭސީން ޕޮޒިޓިވްވެފައިވާއިރު މި ބައްޔާ ގުޅިގެން ރާއޖެ އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައެވެ.

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ މި ބަލި ރާއްޖެއިން ފެނުމާ އެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ހުޅުވުން ހަފްތާއަަކށް ފަސްކޮށްފައިވާއިރު އަންނަ ލޯކަލް ކައުންސިލް އިންތިހާބު ވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެވެ. ހަމައެއާއެކު މި ބަލިން ރައްކާތެރިވުމުގެ ގޮތުން އާޏމު ސާފްތާހިރުކަމަށް ސަމާލުވުމަށް ގޮވާލައި އެއްވެ ނޫޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.