ސިކްސް ސެންސެސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ 2 މީހަކު އެކަހެރިކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ‏ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭން ބުނީ، ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުންވަނީ ⁧‫ކޮވިޑް-19‬⁩ އަށް ޕޮސިޓިވްވެފައިވާ މީހަކާއި "ކޮންޓެކްޓް" ވެފައި ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 8 ބިދޭސީން ޕޮޒިޓިވްވެފައިވާއިރު މި ބައްޔާ ގުޅިގެން ރާއޖެ އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައެވެ.

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ މި ބަލި ރާއްޖެއިން ފެނުމާ އެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ހުޅުވުން ހަފްތާއަަކށް ފަސްކޮށްފައިވާއިރު އަންނަ ލޯކަލް ކައުންސިލް އިންތިހާބު ވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެވެ. ހަމައެއާއެކު މި ބަލިން ރައްކާތެރިވުމުގެ ގޮތުން އާޏމު ސާފްތާހިރުކަމަށް ސަމާލުވުމަށް ގޮވާލައި އެއްވެ ނޫޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.