ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އިތުރު ދިވެއްސެއްގެ ސާމްޕަލް ނަގާ ޓްސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، ‏ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުރަމަތި އައިލެންޑް ރިސޯޓުން ⁧‫ކޮވިޑް-19‬⁩ އަށް ޕޮސިޓިވް ވީ ފަތުރުވެރިއަކާއި "ކްލޯސް ކޮންޓެކްޓް' ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭން ބުނީ، ‏ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ގޭގައި އެކަހެރިކުރެވިފައި ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 8 ބިދޭސީން ޕޮޒިޓިވްވެފައިވާއިރު މި ބައްޔާ ގުޅިގެން ރާއޖެ އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައެވެ.

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ މި ބަލި ރާއްޖެއިން ފެނުމާ އެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ހުޅުވުން ހަފްތާއަަކށް ފަސްކޮށްފައިވާއިރު އަންނަ ލޯކަލް ކައުންސިލް އިންތިހާބު ވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެވެ. ހަމައެއާއެކު މި ބަލިން ރައްކާތެރިވުމުގެ ގޮތުން އާޏމު ސާފްތާހިރުކަމަށް ސަމާލުވުމަށް ގޮވާލައި އެއްވެ ނޫޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.