މުޅި ދުނިޔޭގައިވެސް ހަލުވިކަމާ އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ފެނިފައިވާ އިންޑިއާއިން، އެގައުމުން ދޫކޮށްފައިވާ އޮން އެރައިވަލް ވިސާ ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެން ދިވެހިންނަށްވެސް އެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ބާރުކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަކީ ޕެންޑެމިކް އެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމުމާ ގުޅިގެން އެ ވައިރަސް ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނާތީ އިންޑިއާ ސަރުކާރުން އެ ގައުމަށް ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމަށް އިއުލާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާ އަކީ ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމަކަށް ވެފައި، އަދި ހާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ހިޔާރުކުރާ އެއް ގައުމުކަމަށް ވާތީ، ކޮންމެހެން އިންޑިއާއަށް ޒިޔާރަތް ކުރަން މަޖްބޫރުވާ ފަރާތްތަކުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ގޮސް ވިސާ ނެގުމަށް އިންޑިއާ ސަރުކާރުން އެދިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މީގެ އިތުރުން، އިންޑިއާއަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް މި ހިދުމަތް ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، ދިވެހި ރައްޔިތުންނަށްވެސް އިންޑިއާއަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ،" ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ އިންޑިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އިންޑިއާގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ. އަދި އިންޑިއާށް ދަތުރުކުރާ ފަރާތްތަކުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން، ނުވަތަ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރެޖިސްޓާ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެއެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ އިތުރުން އަވަށްޓެރި ސްރީލަންކާއިން ވެސް ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލާފައެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް އެގައުމަށް ދިއުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މި ދުވަސްވަރުގެ ގޮތުން އެގައުމުތަކުން ވެސް ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.