ކ. ތިލަފުށި އިނާ ލެގޫން ސަރަހައްދުގައި ހުއްދަ ނުނަގާ ބަހައްޓާފައިވާ ތަކެތި ނެގުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން ފަހު ފުރުސަތެއް ދީފިއެވެ.

ޖީއެމްއައިޒެޑްއެލް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް އާންމު ސަރަހައްދުތަކުގައި ހުއްދަނެތި އެއްގަމު އުޅަނދާއި ކަނޑު އުޅަނދު އަދި މި ނޫންވެސް ތަކެތި ބަހައްޓާފައިވާ ކަމަށެވެ.

އެތަކެތި ނެގުމަށް މީގެ ކުރިން ވެސް ޖީއެމްއައިޒެޑްއެލުން ވަނީ އިއުލާނެއް ކޮށްފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެ ތަކެތި ނަގާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ކ. ތިލަފުށި އިނާ ލެގޫން ސަރަހައްދުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް އަންގާ އަދި މުއްދަތު ހަމަވުމުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ޖީއެމްއައިޒެޑްއެލުން ބުނެއެވެ.

އެ ކުންފުނިން ބުނީ، އެ ސަރަހައްދުތަކުގައި އެ ތަކެތި ހުރުމުން އެ ކުންފުޏިގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓަށް ދަތިވާ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 25 ގެ ކުރިން އެތަކެތި ނުނަގައިފި ނަމަ އެ ތަކެތި ނަގާ ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ޖީއެމްއައިޒެޑްއެލް ޒިންމާ ނުވާނެ ކަމަށް ބުނެއެވެ.