މެލޭޝިޔާއިން ރާއްޖެއައި މީހާގެ ނަތީޖާ ނެގެޓިވް ކަމަށް ހެލެތް ޕްރޮޓެކްޝން އެޖްންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށް ފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއް އައިސޮލޭޓް ކޮށްފައި ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެންނެވެ. އެގޮތުން އޭނާގެ ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއެން ވަނީ ބުނެފައެވެ.

އެޗްޕީއޭން މިހެން ބުނެފައިވާއިރު، ދާދި ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރައްވާފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކުރެއްވީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިވަޑައިގަންވާ ބާރުގެ ދަށުން ކަމަށާއި އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކުރެއްވީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ:

  • ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން.
  • މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން.
  • ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން.
  • ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރު ކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އިއުލާންކޮށްފައެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ސަރަހައްދު ތަކަކަށް ކޮވިޑް 19 ފެތިރިގެން ގޮސްފައިވުމެވެ. ކޮރޯނާވައިރަސް ޖެހިގެން 127748 މީހުން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ. ކޮވިޑް 19 ގައި 4718 މީހަކު މަރުވެފައި ވާއިރު ދުނިޔޭގެ 114 ގައުމަކަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ.

ރާއްޖެއިންވެސް ކޮވިޑް-19 ފެނި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. އެގޮތުން، މިހާރު ރާއްޖޭގައި 8 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.