މާދަމާގެ ހުރުކު ވީހާވެސް ކުރުކޮށް ކުރަން އިސްލާމިކު މިނިސްޓްރީން އަންގައިފިއެވެ. ރާއްޖެންވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެންނާއި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާގެ ހުރުކު ވީހާވެސް ކުރުކޮށް އަދި ކުރު ސޫރަތް ކިޔެވުމާއި އަދި ހުތުބާވެސް ކުރުކުރަން މިނިސްޓްރީން ވަނީ އަންގާފައެވެ.

މާދަމާގެ ހުތުބާ ހާއްސަކޮށްފައިވަނީ ބަލި ހާލަތެއް މެދުވެރިވުމުން މުސްލިމުން އަމަލުކުރަންވީ ގޮތުގެ މައްޗަށެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ފެނި 8 މީހަކު ޕޮޒިޓިވް ވެފައި ވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން، މިސްކިތްތަކުގައި އަޅާފައި ހުރި ކާޕެޓްތައް ނެގުމުގެ މަސައްކަތްވެސް ކުރަމުން އެބަދެއެވެ. އަދި ބައެއް މިސްކިތްތަކުގެ ވުޟޫ ކުރާ ސަރަހައްދުގައި އަތް ދޮންނަ ފުޅިވެސް ބަހައްޓާފައި ވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ މިސްކިތްތަކަކީ ގިނަ އަދަދެއްގެ ބިދޭސީން، ހާއްސަކޮށް ބަންގްލަދޭޝް މީހުން އަރާ ތަންތަން ކަމުން، ބަންގްލަދޭޝް މީހުންނަށް އަމާޒު ކޮށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކެއްވެސް ހިނގަމުން އެބަދެއެވެ. އެގޮތުން ބަންގްލަދޭޝް މީހުން އުޅޭ ތަންތާނގައި ބަންގާޅު ބަހުން ލިޔުންތައް ހަރުކުރުން ހިމެނެއެވެ.