އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްދޭ އެލަވަންސް ބޮޑުކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އީސީން ނަގާ އޮފިޝަލުންނަށް ދޭން ނިންމާފައިވާ އެލަވެންސް އެ ކޮމިޝަނުން ހާމަކޮށްފައި ވަނީ މިއަދެވެ. އެގޮތުން، އީސީން ބުނީ ކުރިއަށް އޮތް އިންތިހާބަށް ނަގާ އޮފިޝަލުންނަށް ދޭނީ، 800 ރުފިޔާ އާއި 2،100 ރުފިޔާއާ ދެމެދުގެ އަދަދެއްގެ އެލަވަންސެއް ކަމަށެވެ.
މިފަހަރު އޮފިޝަލުންނަށް 800 ރުފިޔާ އާއި 2100 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ކަނޑައާޅާފައިވާއިރު، މީގެ ކުރިން އިންތިހާބީ އޮފިޝަލުންނަށް އެލަވަންސްގެ ގޮތުގައި އެ ކޮމިޝަނުން ދެނީ 500 ރުފިޔާ އާއި 1،800 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
އިންތިހާބަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފައިވާއިރު މިއަދު ހެނދުނު 10:00 އިން ހަވީރު 3:00 އަށް ވެލާނާގޭ ގްރައުންޑު ފްލޯގައި އޮފިޝަލަކަށްވުމަށް ފޯމު ފުރުން ކުރިއަށް އެބަ ގެންދެއެވެ. އަދި މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެ މަސައްކަތް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ވެސް އީސީން ވަނީ ނިންމާފައެވެ. އީސީން ބުނީ، އޮފިޝަލަކަށްވުމަށް ފޯމު ފުރުމުގެ މަސައްކަތް ކުރާ ގަޑިތަކުުގައި ސޯޝަލް ސެންޓަރުގައި ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އީސީގެ އޮފިޝަލުންނަށްދޭ އިނާޔަތް މިފަހަރު ބޮޑުކޮށްފައިވާއިރު، މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އިންތިހަބު ފަސް ކުރުމަށް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް މިކަމާ މެދު އަދި އެ ކޮމިޝަނުން ގޮތެއް ނިންމާފައެއް ނުވެއެވެ.