ކޮވިޑް-19 ފެތުރުމުގެ ނުރައްކާ ބޮޑުވެ، ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، އަންނަ ހުކުރު ދުވަހުން ފަށައިގެން ބޭރުގެ އެއްވެސް ފްލައިޓަކަށް ކުވައިތަށް އެތެރެ ނުވެވޭ ގޮތަށް އެގައުމުން ހަމަޖައްސައިފިއެވެ.

ބޭރުން އަންނަ އެއްވެސް ފްލައިޓަކަށް ކުވައިތަށް އެތެރެނުވެވޭއިރު، ކުވައިތުންވެސް ފްލައިޓެއް ނުފުރާނެ ކަމަށް އެ ގައުމުން ބުނެއެވެ.

ކުވައިތު ސިޓީ އިންޓަނޭޝަނަލް އެއާޕޯޓުން ކުރާ ދަތުރުތައް ހުކުރު ދުވަހުން ފެށިގެން މެދުކަނޑާލަނީ 14 ދުވަހުގެ މުއްދަތަކަށް ކަމަށް ޚަބަރު ލިބެއެވެ.

މީގެ އިތުރުން ކުވައިތުންވަނީ ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 2 ހަފުތާގެ ޗުއްޓީއެއްވެސް ދީފައެވެ. އެގޮތުން 14 ދުވަހުގެ މުއްދަތަށް އެއްވެސް މީހަކު ވަޒީފާ ނުނިކުތުމަށް ސަރުކާރުގެ މުވައްޒަފުންނަށް އަންގާފައިވާކަމަށް ޚަބަރު ލިބެއެވެ.

ހަމަ މިއާއެކު، ބޮޑެތި އެއްވުންތަކާ، ބާޒާރުތަކާ، ކެފޭ ރެސްޓޯރަންޓާ ޖިމް ފަދަ ތަންތަންވެސް މިމުއްދަތަށް ބަންދުކުރުމަށް ކުވައިތުގެ ސަރުކާރުންވަނީ އަމުރުކޮށްފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 72 މީހަކު ކުވައިތުން ފެނިފައިވާއިރު، އެންމެ ފަހުން އެޅި މި ފިޔަވަޅުތަކަކީ ބަލި އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.

މެދުއިރުމަތީގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އެ ސަރަހައްދުގެ ގައުމުތަކުން ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.