ނޭޕާލްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަމުންދާ 71 މީހަކު ކަރަންޓީނު ކޮށްފިއެވެ.

މި 71 މީހުންނަކީވެސް ޗައިނާ މީހުން ކަމަށް ޚަބަރު ލިބެއެވެ. ނޭޕާލްގައި އެމީހުން ކަރަންޓީނު ކޮށްފައި ވަނީ އާ އަހަރުގެ ޗުއްޓީއަށްފަހު ޗައިނާއިން އައި ހިސާބުންނެވެ. މި އެންމެން ނޭޕާލްއަށް އެތެރެވެފައިވަނީ މާޗް 4-6 ވަނަ ދުވަހާ ދެމެދުގައެވެ.

މި އެންމެން އައިސޮލޭޓްކޮށް، ކަރަންޓީނުކޮށްފައިވަނީ ނޭޕާކްގެ ޕޮކާރާ ރީޖަނަލް އެއާޕޯޓްގައެވެ. މިއީ އެމީހުން މަސައްކަތްކުރާ ސައިޓްވެސްމެއެވެ.

އެއާޕޯޓް މެނޭޖަރު ބިނޭޝް މުންކަރުމީ ވިދާޅުވީ، އެމީހުން ނޭޕާލްއަށް ދަތުރުކޮށްފައިވަނީ ޗައިނާގައިވެސް 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ފަހުގައި ކަމަށާ، ނޭޕާލްގައި އެމީހުން އަލުން ކަރަންޓީނުކޮށްފައިވަނީ ކޮވިޑް-19ގެ ރިސްކެއް ނުނަގާންވެގެން ކަމަށެވެ.

މީގެ ކުރިންވެސް މި އެއާޕޯޓުންވަނީ އެ ތަނުގައި މަސައްކަތް ކުރަން ޗައިނާއިން އައި 36 މީހަކު ކަރަންޓީނުކޮށްފައެވެ. މި މީހުން މިހާރު ދޫކޮށްލާފައިވާއިރު ޖުމުލަ 136 މީހަކު އެ ސައިޓްގައި މަސައްކަތްކުރަމުންދާކަން އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ.

ނޭޕާލްއަށް އުމްރާނީ ތަރައްގީ ހޯދާދިނުމުގެ ނަމުގައި ޗައިނާއިން ދަނީ ނޭޕާލްގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އަދި މިމަޝްރޫއުތަކުގައި މަސައްކަތް ކުރުމަށް ޗައިނާއިން ގިނަ އަދަދެއްގެ ބަޔަކުވެސް ނޭޕާލްއަށް ދަތުރުކުރެއެވެ.

އަދާ ހަމައަށް އައިއިރު ނޭޕާލްއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 1 މީހެކެވެ. އެމީހާއަށް ފަރުވާ ކުރުމަށްފަހު މިހާރު ވަނީ ދޫވެސްކޮށްލާފައެވެ.

ކޮވިޑް-19ގެ ނުރައްކާ ދެކުނު އޭޝިއާ ސަރަހައްދަށް މިސްރާބު ޖަހާފައިވާއިރު އިގުތިސޯދީ އަދި އުމްރާނީ ހާލަތަށް ބެލުމެއް ނެތި މި ސަރަހައްދުގެ ގިނަ ގައުމުތަކަކުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ.