ޓެކްނޮލޮޖީގެ ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން 5-ޖީ ފޯނުތަކަކީ ފުރާނައަށް ނުރައްކާވާ ޓެކްނޮލޮޖީއެއް ނޫންކަން، މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން މިކަން ހާމަކޮށްފައިވަނީ، 5-ޖީ ފޯނުތަކަކީ ކެންސަރާ، އެނޫންވެސް ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރާ ޓެކްނޮލޮޖީއެއް ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ހެދި ދިރާސާތަކަށްފަހުގައެވެ.

އިލެކްޓްރޯމެގްނިޓިކް ފީލްޑްތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމުން ކުރިމަތިވާ ހާލަތްތަކާ ބެހޭ ގޮތުން ފާއިތުވީ އަހަރުތަކުގައި ހޯދާފައިވާ ހޯދުންތައް ދިރާސާކުރުމަށްފަހު އެކުލަވާލާފައިވާ އާ ގައިޑްލައިންގައި، ކުރިއަށް އޮތް ތަނުގައި ނެރޭ 5-ޖީ ޓެކްނޮލޮޖީގައި ކޮންމެހެން ހުންނަންޖެހޭ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ.

މިއީ ފޯނު ނެޓްވާކް، ވައި-ފައި އަދި ބްލޫޓޫތު ޓެކްނޮލޮޖީގެ ޒަރިއްޔާއިން އުފެދޭ ރޭޑިއޭޝަނުން އިންސާނުންނަށް އިތުރު ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް 1998ވަނަ އަހަރަށްފަހު ގައިޑްލައިންއެއް އެކުލަވާލި ފުރަތަމަ ފަހަރުވެސްމެއެވެ.

ހައި ފްރީކުއަންސީ ބޭނުންކުރާ 5-ޖީ ނެޓްވާކަށް ހާއްސަކޮށްގެން ގައިޑްލައިނެއް އެކުލަވާލާފައިވާއިރު މި ހައްދުތަކަކީ 5-ޖީ ފޯނު މާސްޓް ނުވަތަ އެންޓެނާތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ނޫނެވެ. ނަމަވެސް މި ހައްދުތަކަކީ 5-ޖީ ޓެކްނޮލޮޖީ ސަޕޯޓްކުރާ ފޯނު ނުވަތަ ޑިވައިސްތަކުގައި ހުރުން ލާޒިމުކުރާ ޝަރުތުތަކެކެވެ.

އަލަށް އެކުލަވާލި ގައިޑްލައިންގެ ދަށުން 5-ޖީގެ ނެޓްވާކް ސްޕީޑް ހަލުވިވަނީ ކުރު ރާސްތާތަކުގައެވެ.

މި އިރުޝާދުތައް އެކުލަވާލާފައިވަނީ މިދާއިރާއިން އެތައް އަހަރެއްގެ ތަޖުރިބާ ހޯދާފައިވާ އިންޓަނޭޝަނަލް ކޮމިޝަން އޮން ނޮން-އަޔޮނައިޒިންގް ރޭޑިއޭޝަން ޕްރޮޓެކްޝަންއިންނެވެ.

5-ޖީ ނެޓްވާކްގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ކުރާ އަސަރުތައް ދިރާސާކުރުމަށް ސައިންސްވެރިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، ހަށިގަނޑުގެ ޓިޝޫތައް ހޫނުވުން ފިޔަވާ އިތުރު ކަމެއް މެދުވެރިއެއް ނުވެއެވެ.

5-ޖީ ޓެކްނޮލޮޖީ ޑިވައިސް އުފައްދާ ފަރާތްތަކުންވަނީ އާ ގައިޑްލައިންތަކާ، ސައިންސްވެރިންގެ ހޯދުންތަކަށް މަރުހަބާ ކިއާފައެވެ.