ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ސަން އަކުއާ އިރުވެލި ރިސޯޓުން ފެނިގެން ޓެސްޓުކުރަމުން ދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަން އަކުއާ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި އޭނާ ވަނީ މޮނިޓަރިން އަށް ލާފައި ކަމަށް އެޗްޕީއޭން ބުނެއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ސަން އަކުއާ ރިސޯޓުން ފެނިފައިވާއިރު، ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށް ފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއް ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭން ބުނެއެވެ.

އަދި މީގެ އިތުރުން، ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ފަރާތެއްގެ ނަތީޖާ ނެގެޓިވްވުމާ ގުޅިގެން، ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ފަރާތެއް ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވާލާފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 8 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ހަމައެކަނި ކުރެއްދޫ އައިލެންޑް ރިސޯޓެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.