ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޕޮޒިޓިވެ ވެފައިވާ މީހުން ފެނިގެން، ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓަށް އަރައި ފޭބުން މަނާކުރި ކުރުން ނިމުމަކަށް ގެނެސް ތިން ރިސޯޓު ވެސް ހުޅުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ނޫސް ބަޔާނެއްގައިި ބުނީ، ވަގުތީގޮތުން އަރާފޭބުން މަނާ ކުރި އެ ތިން ރިސޯޓު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރައްހަދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމް އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ތިން ރިސޯޓު ހުޅުވި ނަމަވެސް، ބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒުކުރުމަށްް ސިއްހީ މުވައްޒަފުން ރިސޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން މި 3 ރިސޯޓުން ފެނުމުން ރިސޯޓަށް އަރާ ފޭބުން ބަންދުކުރި ނަމަވެސް އަލުން ހުޅުވި ސަބަބެއް އެޗްޕީއޭއަކުން ނުބުނެއެވެ. އަދި އެ 3 ރަށް އެއްކޮށް ޑިސް އިންފެކްޓް ނުކޮށް ރަށްތައް ހުޅުވާލުމުން އާންމުންގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އަލުން ހުޅުވި ބަތަލާ ރިސޯޓުގެ މުވައްޒަފަކު ވައިރަހުގެ އަލާމާތްތައް ފެނިގެން ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއް ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްދާ ކަމަށްވެސް ރޭ އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.