ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރިއަސް އޮންލައިންކޮށް ކިޔަވައި ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާކަމަށް ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މަައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ސްކޫލްތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ސްކޫލްތައް ބަންދުކުރާނެ ކަމަށާއި، ދަރިވަރުންނަށް ކިޔަވައިދިނުމުގެ ގޮތުން އޮންލައިންކޮށް ނުވަތަ ބްރޯޑްކާސްޓްކޮށް ވިޔަސް ކިޔަވައިދިނުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި، އޮންލައިން ޕޯޓަލެއް ތައްޔާރު ކުރުމުގެ މަސައްކަތް "ޖަވާބު" ކިޔާ ބަޔަކާ ހަވާލުކޮށްގެން ކުރަމުން އެބަ ގެންދެއެވެ.

މި ޕޯޓާލް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ޓީޗަރުންނާއި ދަރިވަރުންނަށްވެސް އޮންލައިންކޮށް ލިބިގެންދާނެއެވެ. "ޖަވާބު" ގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މި މަސައްކަތް ކުރަނީ ސީއެސްއާރް ޕްރޮޖެކްޓެއްގެ ގޮތުގައި ހިލޭސާބަހަށް ކަމަށެވެ. އަދި މި ޕޯޓަލްއަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ހަދަމުންދާ ޕޯޓަލްއެއް ކަމަށާއި، ސްކޫލްތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި މި ޕޯޓަލް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ވަނީ ފަސްކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިއްހީ ހާލަތަށް ބަލައި، ކަންތައް ކުރަންވީ ގޮތެއް ނިންމައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް 8 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ކުރެއްދޫ އައިލެންޑް ރިސޯޓުން ހަތަރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ކުރަމަތި އައިލެންޑު ރިސޯޓުންވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ސޭންޑީޒް ބަތަލާ ރިސޯޓުންވަނީ ދެ މީހަކުވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.