ދުނިޔޭގައި ހަލުވިކަމާ އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ލިބެމުން އަންނަ އާމްދަނީ ދަށްވުމުން އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ އާމްދަނީ ދަށްވަމުން ދާތީ، ކުންފުނިި ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މުސާރަތައް ކުޑަ ކުރުމަށް ނިންމާފައިވަނީ އެކި ގިންތިތަކަށް ބަހާލައިގެން ކަމަށްވެސް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.

މުސާރަ ކުޑަކުރާ މިންވަރު:

  • 4999 ރުފިޔާއަށް ވުރެ ދަށް މުސާރަލިބޭ ނަމަ؛ 10 ޕަސެންޓް
  • 5000 – 9999 ރުފިޔާގެ މުސާރަ ލިބޭ ނަމަ: 20 ޕަސެންޓް
  • 10000 – 49999 ރުފިޔާ މުސާރަ ލިބޭ ނަމަ: 35 ޕަސެންޓް
  • 50000 ރުފިޔާއަށް ވުރެ މަތިން ލިބޭ ނަމަ: 50 ޕަސެންޓް

ވިލާ ކުންފުނިން ނެރުނު ސާކިއުލާގައި ބުނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަކީ މުވައްޒަފުންނަށް ލިބިގެންދާނެ ގެއްލުމެއް ކަމަށް ވާތީ ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އަދި ކުންފުނިން އެގޮތް ނިންމީ އިތުރު އެއްވެސް ގޮތެއް ނެތި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށްވެސް ސާކިއުލާގައި ބުނެފައި ވެއެވެ.

އެކުންފުނިން ބުނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުންދާ ވަރަކަށް މުސާރައަށް ބަދަލު ގެންނާނެ ކަމަށެވެ. ވިލާއިން ދަނީ ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންނެވެ. އެއީ ސަން އައިލެންޑު ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ޕެރެޑައިސް އާއި ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑް ރިސޯޓެވެ.