ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ބަތަލާ މޯލްޑިވްސްއިން ބިދޭސީއެއް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓު ޓްރޭސްވި ބިދޭސީއަކު ފަރުކޮޅުފުއްޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. ބަތަލާއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހެކެވެ. އެއީ އެ ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް ދިޔަ އިޓަލީގެ ދެ ފަތުރުވެރިންނެވެ.

އެ ދެމީހުންނަކީ ދެމަފިރިންނެވެ. އޭގެތެރެއިން ފިރިހެން މީހާއަކީ އުމުރުން 70 އަހަރުގެ މީހަކަށް ވެ އޭނާއަކީ ގާތުން ފަރުވާ ދޭންޖެހޭ މީހެއް ކަމަށް ޑޮކްޓަރުންނަށް ފާހަގަކުރެވޭތީ އޭނާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭނާއާ އެކުގައި އޭނާގެ އަނބިމީހާވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނީ އެ ދެމީހުންގެ ހާލު ވަކި ގޯސްނޫންކަމަށެވެ.

ފަރުކޮޅުފުއްޓަށް ބަތަލާއިން ބިދޭސީއަކު ގެންދިޔައިރު ވިލިވަރުގައި ކަރަންޓީން ކުރުމަށް ދިވެއްސަކު ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަރުކާރުން މިރޭ ވަނީ ބުނެފައެވެ. އޭނާ ކަރަންޓީނަށް ގެންދަނީ ކޮވިޑް19 ފެތުރިފައިވާ ގައުމެއް ކަމަށްވާ ބަންގްލަދޭޝްގައި ހުރުމަށް ފަހު 14 ދުވަސް ނުވަނީސް ލަންކާ މަގުން ރާއްޖެ އައުމުންނެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ވަނީ 8 މީހަކު ޕޮޒިޓިވް ވެފައެވެ.