ކޮވިޑު-19 އަކީ ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފިއެވެ. ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅަނީ ދުނިޔޭގެ ގިނަ ސަރަހައްދުތަކަކަށް އެ ބައްޔެއް ފެތުރިގެން ދިއުމުންނެވެ.

ކޮވިޑް-19 މިހާރު ވަނީ ޗައިނާއިން، ޔޫރަޕުން، އެފްރިކާއިން، އޭޝިއާއިން ގޮސް މެދުއިރުމައްޗަށް ފެތުރފިފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑޯސް ވިދާޅުވީ، ދުނިޔޭގެ 57 ގައުމަކުން ކޮރޯނާވައިރަސް ފެނިގެން ރިޕޯޓު ކޮށްފައިވާ އަދަދު 10 އެއް ނުވަތަ އެއަށް ވުރެ މަދު ކަމަށެވެ. އަދި 81 ގައުމަކުން ވައިރަސް ރިޕޯޓު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފާއިތިވި 2 ހަފްތާގެ ތެރޭގައި ކޮރޯނާ ޖެހިގެން ޗައިނާއިން ބޭރުން ރިޕޯޓު ކުރި މީހުންގެ އަދަދު 13 ގުނަ އިތުރު ވެފައި ވާކަމަށެވެ. އަދި މިހާތަނަށް ވައިރަސް ފެނުނު ގައުމުތައްވެސް 3 ގުނަ އިތުރުވެފައިވާ ކަމަށެވެ.

ކޮރޯނާވައިރަސް ޖެހިގެން 118000 މީހުން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ. 4291 މީހަކު މަރުވެފައި ވާއިރު ދުނިޔެގެ 114 ގައުމަކަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ.

ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެނި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި 8 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާިއރު ފަރުކޮޅުފުށީގައި 15 މީހުން ވިލިވަރުގައި 12 މީހުން އެބަ ތިއްބެވެ.