ކޮވިޑް19 އާ ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ފަސްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ވިޑް19 އާ ގުޅޭ އެންމެ ފަހުގެ މަައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސްކޫލްތަކާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަކި ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، އެގޮތުން މިވަގުތު ސްކޫލްތައް އެއް ހަފްތާއަށް ހުޅުވުން ލަސްކޮށްފައި ވާކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިއްހީ ހާލަތަށް ބަލައި، ކަންތައް ކުރަންވީ ގޮތެއް ނިންމައި އަޅަންޖެހޭ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ސްކޫލްތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ސްކޫލްތައް ބަންދުކުރާނެ ކަމަށާއި، ދަރިވަރުންނަށް ކިޔަވައިދިނުމުގެ ގޮތުން އޮންލައިންކޮށް ނުވަތަ ބްރޯޑްކާސްޓްކޮށް ވިޔަސް ކިޔަވައިދިނުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި، އޮންލައިން ޕޯޓަލެއް ތައްޔާރު ކުރުމުގެ މަސައްކަތް "ޖަވާބު" ކިޔާ ބަޔަކާ ހަވާލުކޮށްގެން ކުރަމުން އެބަ ގެންދެއެވެ.
މަބަރޫކް ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށާއި، ސްކޫލް ކުދިންގެ ރައްކާތެރިކަމަށް ބަލައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅަމުން ގެންދަވާނެ ކަމަށެވެ.
ސްކޫލުތައް ހުޅުވުން އެއް ހަފްތާއަކަށް ފަސްކުރުމަށް ނިންމާފައި ވާއިރު، އަންނަ ހަފްތާގައި ސްކޫލުތަކުގެ މިޑްޓާމް ބްރޭކް ނިމި ސްކޫލްތަކަށް ކުދިން ކިޔަވަން ފޮނުވަން ޖެހޭތީ ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ސްކޫލްތައް ބަންދުކުރުމަށް ގޮވާލައި، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި، ޑރ. އަބްދުﷲ ނިޔާފްގެ އިތުރުން ބައެއް ޑޮކްޓަރުންވެސް ވަނީ އަޑުއުފުލާފައެވެ.
ރާއްޖެއިން ކޮވިޑް19 އަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ކުރެއްދޫ އައިލެންޑް ރިސޯޓުން ހަތަރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ކުރަމަތި އައިލެންޑު ރިސޯޓުންވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ސޭންޑީޒް ބަތަލާ ރިސޯޓުންވަނީ ދެ މީހަކުވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.