ބަންގްލަދޭޝްގަ ހުރެފައި އައި ދިވެއްސަކު ވިލިވަރުގައި ކަރަންޓީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މަައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ދިވެހި މީހާއަކީ ބަންގްލަދޭޝްގައި ހުރުމަށް ފަހު ލަންކާގައި މަޑުކޮށް 14 ދުވަސް ހަމަ ނުވަނީސް އެނބުރި ރާއްޖެ އައި މީހެއް ކަމަށެވެ. އަދި އޭނާ ކަރަންޓީން ކުރަނީ އެކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
ދިވެހި މީހާގެ އިތުރުން، ސޭންޑީޒް ބަތަލާ ރިސޯޓުން ފަރުކޮޅުފުއްޓަށް ބިދޭސީއަކު ގެންދިއުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ދިވެހިންތަކެއް ވެސް ދިރިއުޅޭ ގައުމަކަށް ވާތީ ބަންގްލަދޭޝް ހައިކޮމިޝަނާ ގުޅިގެން ދިވެހިންގެ ހާލަތު ބަލަމުން ގެންދަވާ ކަމަށެވެ.
ބަންގްލަދޭޝްގައި މަޑު ކުރުމަށް ފަހު ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކޮށްފައި ވާއިރު އެގައުމުން ކޮވިޑް19 ފެނުމުން ބަންގްލަދޭޝް މީހުން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މި ހާލަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
ރާއްޖެއަކީ ގިނަ އަދަދަކަށް ބަންގުލަދޭޝްގެ ރައްޔިތުން ދިރިއުޅޭ ގައުމެކެވެ. ވިސާއާއި ސައްހަ ވޯކު ޕާމިޓެއް ނެތި އެތައް ހާސް ބަޔަކު އެބައުޅެއެވެ. އަސްލު އޮޅުވާލައިގެން ރާއްޖެ އެތެރެވުމާއި އެތައް ކަންތައްތަކެއް ހިންގާ ބަންގްލަދޭޝްގެ މީހުންގެ ތެރޭގައި ކޮވިޑް-19 ގެ ހޭލުންތެރިކަން އުފައްދަމުން ދާ ކަމަށް ސަރުކާރުން ބުނެއެވެ.