ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

އެމްއާރްއެމްއިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 8 މީހަކު ޕޮޒިޓިވްވެފައިވާ ދަނޑިވަޅެއްގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެހެންނަމަވެސް މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބަކަށް އާއްމުންގެ ތަރުހީބު ނުލިބި ވޯޓުލުމަށް ދާނެ މީހުން މަދުވުމަކީ މާލީ ގޮތުން ކުރެވޭ އިސްރާފެއް އެމްއާރްއެމްއިން ފޮނުވި ސިޓީގައު ބުނެފައި ވެއެވެ. ހަމައެއާއެކު މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ތާއީދު ހޯދުމުގެ ހައްގު ލިބިގަތުމަށްވެސް ހުރަސްތަކެއް ހުރި ދަނޑިވަޅެއްކަމަށާއި، އެހެންކަމުން ސިޔާސީ ޕާޓީތަކާއި ކަމާގުޅުން ހުރި މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އިންތިހާބު ފަސް ކުރުމަށް އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ.

އެމްއާރްއެމްއިން މިހެން އެދިފައިވާއިރު، ގައުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދުވަނީ ވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހާ ބައްދަލު ކުރައްވައި މިވަގުތު ގައުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ނަމަވެސް މަޝްވަރާ ކުރެއްވީ ކަމާއި ބެހޭ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

ރައީސް މައުމޫން، ރައީސް ސޯލިހާ ބައްދަލު ކުރައްވާފައި ވާއިރު، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން މައުމޫން ވަނީ އިއްޔެ ގޮވާލައްވާފައެވެ. އިލެކްޝަން ކޮމިޝަނުން ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން އިންތިހާބު ފަސްކުރުމާ ދެކޮޅު ހައްދަވާ މަޖިލީހުގައި ބަހުސްކުރައްވާފައި ވާއިރު، ކޮވިޑް 19 އާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން "ދަޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ ކުރިން ބާއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށާއި އެކަމުގައި ސަރުކާރުން ގޮތެއް ނިންމާނީ އެންމެންގެ ހިޔާލާއެކު ކަމަށެވެ.

ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވަމުންދާ ޕްރެސް ކޮންފަރެންސެއްގައި، ކޮރޯނާއަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖޭގައި ކޮރޯނާގެ ހަލަތު "ސީރިއަސް" ނޫން ކަމަށާއި ރައްޔިތުން ހާސްވެގެން އުޅެންވީ ހާލަތަށް ނުދާ ކަމަށެވެ.