މިނިވަން ނޫސްވެރިކަމަށް ގޮވާލައި ޗެނަލް 13ގެ ނޫސްވެރިން ކޮވިޑް ޕްރެސްގައި ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރު ގޭގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެނަލް 13ގެ މުވައްޒަފުން ނުރުހުން ފާޅުކޮށްފައި ވަނީ އެ ބައްދަލުވުމުގައި ނޫސްވެރިއަކަށް 1 ސުވާލު ކުރުމުގެ ފުރުސަތު ދޭތީ، އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

ޗެނަލް 13ގެ ނޫސްވެރިން ކުރި އިހުތިޖާޖުގައި ބޯޑުތަކެއް ހިފަހައްޓައިގެން ތިބި އިރު، އެއިން އެއް ބޯޑުގައި، އެއް ސުވާލަށް ވުރެ ގިނަ ސުވާލު ކުރުމުގެ ފުރުސަތު ކޮންމެ ނޫސްވެރިއަކަށް ވެސް އޮންނަން ވާނެ ކަމަށް ލިޔެފައިވާ އިރު، އަނެއް ބޯޑުގައި މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް ބުނެފައިވެއެވެ. އަދި ގާނޫނު އަސާސީގެ 29 ވަނަ މާއްދާއަށް އިހުރިތާމް ކުރުން ކަމަށްވެސް ލިޔެގައިވެއެވެ.

ކޮވިޑް 19 އާ ގުޅިގެން ދަރުބާރުގޭގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި، ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ދުވާލަކު ދެ ފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވާ އިރު، ހާޒިރުވާ ކޮންމެ ނޫސްވެރިއަކަށް ދެއްވަނީ 1 ސުވާލު ކުރުމުގެ ފުރުސަތު ކަމަށާއި އެއް ނޫހަކުން ގިނަ ނޫސްވެރިން ގޮސް ތިބި ނަމަވެސް އެއިން ކޮންމެ ނޫސްވެރިއަކަށް ވަކި ވަކީން ފުރުސަތު ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ކުރީ ދުވަހުގެ މައުލޫމާތާއި ހިނގަމުންދާ ދުވަހުގެ ތާޒާ މައުލޫމާތު ހިމެނޭ ކަރުދާހެއް ނޫސްވެރިންނަށް ލިބޭނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ގަވައިދުން ޓްވީޓު ކުރަމުންނެވެ.