ކޮވިޑް-19އާ ގުޅިގެން ޗައިނާއިން ރާއްޖެއައި ދިވެއްސަކު ކަރަންޓީނު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

އެޗްޕީއޭން މިހެން ބުނެފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި 2 ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކޮށްފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް 8 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ. އަދި ކުރަމަތި ރިސޯޓު ވެސް މިހާރު ވަނީ އޮރެންޖު ސްޓޭޓަސްއަށް ބަދަލުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.