އޭޝިއާ ބައްރުގައި ހުރި އެންމެ މުއްސަނދި މީހާގެ މަގާމު، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީއަށް ގެއްލިއްޖެއެވެ.
މުކޭޝް އަމްބާނީއަށް މި ޓައިޓަލް ގެއްލުނީ އޭނާގެ ތެޔޮ ކުންފުންޏަށް އެއް ދުވަހާ 5.8 ބިލިއަން ޑޮލަރުގެ ގެއްލުންވެ، ހިއްސާގެ ބާޒާރުގައި އޭނާގެ ރިލާޔަންސް ކުންފުނީގެ އަގުތައް 12 ޕަސެންޓް ދަށަށް ދިއުމުގެ ސަބަބުންނެވެ.
ރިލާޔަންސް ކުންފުނިން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ތެޔޮ ސާފު ކުރުމާ، ޕެޓްރޯކެމިކަލް ވިޔަފާރީގައެވެ. ކަންމިހެން އޮތްއިރު މި ކުންފުނި މާލީ ގޮތުން މިހާ ބޮޑަށް އަޑިއަޅާލާފައިވަނީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް 30 ޕަސެންޓް ދަށަށް ދިއުމުގެ ސަބަބުންނެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ގޮސްފައިވަނީ އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުންދާ ސައުދީ އަރަބިއްޔާއާއި ރަޝިޔާއާއި ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުންނެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ތެޔޮ ގަންނަ އެއް މާކެޓް ކަމަށް ޗައިނާގެ އިގުތިސޯދީ އަދި ސިނާއީ ހަރަކާތްތައް ކޮވިޑް-19ގެ ސަބަބުން މަޑުޖެހިފައިވާއިރު ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑަށްވުރެ ސަޕްލައިވަނީ އިތުރުވެފައެވެ. މިއާއެކު ސަޕްލައި މަދުކުރުމަށް ސައުދީއިން ރަޝިޔާއިން ގޮވާލި ގޮވާލުމަށް ރަޝިޔާއިން ވަނީ އިންކާރުކޮށްފައެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ޓައިޓްލް އަމްބާނީއަށް ގެއްލިފައިވާއިރު، މިހާރު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ މުއްސަނދި މީހަކީ އަލީބާބާ ކުންފުނީގެ ވެރިޔާ ޖެކް މާއެވެ. އެއީ ގާތްގަނޑަކަށް 2.6 ބިލިއަން ޑޮލަރުގެ ފަރަގަކާއެކުގައެވެ.