ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ކުޑަކުއްޖާގެ ނަތީޖާވެސް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، ރީތިރަށުން ބިދޭސީ ކުޑަކުއްޖަކަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި އިރު އެ ކުއްޖާގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި އެރަށަށް އަރާ ފޭބުން ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ.

ރީތިރަށުން ޝައްކު ކުރެވުނު ކުއްޖާ ނެގެޓިވްވެފައިވާއިރު އދ. ވިލަމެންދޫން ޝައްކު ކުރެވުނު މުވައްޒަފު ވެސް ވަނީ މިއަދު ކޮވިޑް-19 އަށް ނެގެޓިވްވެފައެވެ. އަދި އެއާއެކު އެރަށަށް ވެސް އަރާފޭބުން މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ. ބަތަލާ ރިސޯޓުން ޕްޒިޓިވްވި 70 އަހަރުގެ މީހާ މިހާރު ވަނީ އިތުުރ ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރެވިފައެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.