އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޓެސްޓު ހެދުމުން، އޭނާގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، އޭނާ ކޮވިޑް-19 އަށް ނެގެޓިވް ވުމާއި ގުޅިގެން ވިލަމެންދޫ ރިސޯޓަށް އަރާ ފޭބުން މިހާރު ވާނީ ހުޅުވާލާފައި ކަމަށެވެ. އަދި އެ ރިސޯޓުގެ ކޮންޓެކްޓޤ ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

ވިލަމެންދޫން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކޮށްފައި ވަނީ، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ވިލަމެންދޫ އަށް ދިޔަ ވިލަމެންދޫގައި މަސައްކަތް ކުރާ މުވައްޒަފަކު ކަމަށް އެޗްޕީއޭން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ. އަދި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓު ވެސް ވަނީ ވަގުތީގޮތުން އަރާފޭބުން ހުއްޓުވާފައެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.