އިޓަލީން ރާއްޖެ އައި 2 ދިވެހިން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި 2 ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭން މިހެން ބުނެފައިވާއިރު، ރާއްޖެއާ ޓްރެވެލް ރިސްޓްރިކްޝަނެއް އޮންނަ އެއްވެސް ގައުމަކުން ދިވެހިން ރާއްޖެ އައި ކަމުގައިވީ ނަމަވެސް އެމީހުން 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. އެހެންކަމުން މިތަންތަނުން އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ.