ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބިދޭސީން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އަށް ހަމަޖެއްސި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި ހާލަތުގައި ބިދޭސީންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހާއްސަ ފްލޫ ކްލިނިކެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މި ކްލިނިކް ހުންނާނީ ހުޅުމާލޭ ޕްރީ ސްކޫލުގައި ކަމަށެވެ. އަދި މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އެއްވެސް ލިޔެކިއުމެއް ދައްކަން ނުޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހެނދުނު 10 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ބިދޭސީންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވާފައިވާއިރު، މާލޭގައި ވެސް ވަނީ ފްލޫ ކްލިނިކަކާއި ޓްރެވެލް ކްލިނިކެއް ގާއިމްކޮށްފައެވެ. މާލޭގައި ހުޅުވާފައިވާ ފްލޫ ކްލިނިކް ހުންނަނީ ސެނެހިޔާ ހޮސްޕިޓަލުގައެެވެ. ހެނދުނު 9 އިން ފެށިގެން ރޭގަނޑު 10 އާ ހަމައަށް މި ކްލިނިކްގައި ހިދުމަތްދޭން ހަމަޖެހިފަިއވާއިރު، މިއީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހުންގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮށްފައިވާ ކްލިނިކެވެ.

ކޮވިޑް-19އާ ގުޅިގެން ހުޅުވާފައިވާ ޓްރެވެލް ކްލިނިކް ހުންނަނީ ސިނަމާލެ 2 ގެ ފުރަގަހުގައި އޮންނަ ހުސް ޖާގައިގައެވެ. މި ކްލިނިކަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ފެންނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮށްފައިވާ ކްލިނިކެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.