ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޖެހިގެން މަރުވި ފިރިމީހާގެ ގަބުރާއެކު، އިޓަލީވިލާތުގެ އަންހެނަކު އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓްގައި 'ތާށިވެފައި' ވާ ކަމަށް، އިޓަލީ ވިލާތުގެ ބޮރްގޭއްތޮ ސަންތޮ ސްޕިރީތޮގެ މޭޔަރު ޖަންކާރްލޯ ކާނެޕާ ކަށަވަރު ކޮށްދެއްވައިފިއެވެ.

މަރުވެފައިވާ ފިރިމީހާގެ ހަށިގަނޑާއެކު އެ އަންހެން މީހާ އެޕާޓްމަންޓްގައި 'ތާށިވެފައި' ވަނީ މުޅި އިޓަލީވިލާތް ލޮކްޑައުންކޮށް، ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށް، ހުރިހާ އެންމެންވެސް ގޭގައި ކަރަންޓީނުވެގެން ތިބުމަށް އަމުރެއް ނެރެފައިވާތީއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ފިރިހެން މީހާ މަރުވެފައިވަނީ އިޓަލީވިލާތު ގަޑިން ހޯމަ ދުވަހުގެ މެންދަމުން އަލިވެ 02:00 ހާއިރުއެވެ. އަދި އެމީހާގެ ހަށިގަނޑު، އެޕާޓްމަންޓްއިން ނެރެވޭ ވަރުވާނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. ގަބުރު ނުނެރެވި ލަސްވަނީ، ކަރަންޓީނު ގަވައިދުތައް ހަމަޖެހިފައިވާ ގޮތުން އެ ގަބުރުގެ އަތްލުމުގެ ހުއްދަ އެއްވެސް މީހަކަށް ލިބިފައި ނެތުމުންނެވެ.

މޭޔަރު ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވުމަށް ފަހުގައިވެސް ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށް އެމީހާ އިންކާރު ކުރި ކަމަށާ، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަނަމަ މިފަދަ ކަމެއް މެދުވެރި ނުވީސް ކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެބަލީގައި މަރުވާ މީހުން ވަޅުލުމުގައި އެކި ގައުމުން އަމަލު ކުރަމުންދަނީ އެކި ގޮތަށެވެ. އިސްލާމީ އުސޫލުން މީހުން ހިނަވަމުންދާ ގައުމުތަކުގައިވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން މަރުވުމުން ވަޅުލާ އުސޫލުތައް ތަފާތެވެ.