މިވަގުތު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އެދެފިއެވެ.

އެ ޖަމްއިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުން ހާއްސަ ސަމާލުކަން ދިނުމަށާއި ސަރުކާރުން ކުރާ މަސައްކަތަށް ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތަތަކުން އެއްބާރުލުން ދިނުމަށެވެ. އެގޮތުން، ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަ ދިނުމަށް ގޭމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މި ހައްސާސީ ދަނޑިވަޅުގައި ސަރުކާރުން، ވައިރަސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރާ ކަމަށާއި މިނާޒުކު ދަނޑިވަޅުގައި ގެސްޓަހުސްތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަމަކަށް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން ގެސްޓްހައުސްތަކުން ޓޫރިޒަމް މިނިސްޓްރީއަށް ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ މައުލޫމާތުތައް ލިބޭކަން ކަށަވަރު ކުރުމާއި މައުލޫމާތު ފޮނުވަން ޖެހޭ އީމެއިލްތަކަށް ލިބޭ މެއިލްތަކަށް ދުވަހުން ދުވަހަށް އިޖާބަ ދިނުމާއި، މުހިންމު ދަނޑިވަޅުތަކުގައި ގުޅަން ކަނޑައަޅާފައިވާ ނަންބަރުތަކާއި ހޮޓްލައިންތަކަށް ވަގުތުން ވަގުތަށް އިޖާބަދިނުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ގެސްޓްހައުސްގައި ތިބި ފަތުރުވެރިންގެ މައުލޫމާތާއި، ބުކިންގް ކެންސަލް ވަމުންދާ މިންވަރާ ގުޅޭ ތަފްސީލުތައް ޓޫރިޒަމާ ހިއްސާކޮށް ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭ އިން ނެރެފައިވާ އެސްއޯޕީ ގައި ހިމެނޭ ހުރިހާ ފިޔަވަޅުތަކެއް ތަންފީޒުކޮށް އެކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓޭކަން ކަށަވަރު ކުރުމަށް ގޭމް އިން ވަނީ ގެސްޓްހައުސްތަކަށް ގޮވާލައިފައެވެ.

ރާއްޖެ އައިސް އުޅުނު އިޓަލީ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔަ އިރު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން ރާއްޛޭގައި އެންމެ ފުރަތަމަ ކޮވިޑް19 އަށް ޕޮޒިޓިވް ވި ކޭސް ފެނިފައިވަނީ އެ އިޓަލީ ފަތުރުވެރިއާ ޗުއްޓީ ހޭދަކުރަން ހުރި ރިސޯޓަ ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. މާލެއަށް އޭނާ އައިސް އިޓަލީއަށް ފުރުމުގެ ކުރިން މަޑުކޮށްފައިވަނީ މާގިރި ހޮޓެލްގައެވެ. ވަގުތީ ގޮތުން އެ ހޮޓެލް ޑިސްއިންފެކްޓް ކުރަން ބަންދުކުރި އިރު އެ ހޮޓެލްގައި މަސައްކަތްކުރާ 15 މީހަކު ސެލްފް އައިސޮލޭޝަނަށް ދިއުމަށް އެޗްޕީއެއިންވަނީ އަންގާފައެވެ.