ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައިވާ މީހަކަށް މައްކާގެ ހޮސްޕިޓަލެއްގެ އައިސޮލޭޝަން ވޯޑެއްގައި ފަރުވާ ދެމުން އަންނަ ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

އެ މީހަކީ ދާދި ފަހުން މިސްރުން ދިޔަ މިސްރު މީހެއް ކަމަށާ، އެމީހާގެ ހަށިގަނޑުން ނޭވާލާ ނިޒާމުގެ ބަލީގެ އަސަރު ފެނުނީ ވަރަށް ކުޑަކޮށް ކަމަށްވެސް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަސަރު ކިތަންމެ ކުޑަ ނަމަވެސް، އޭމީހާގެ ޓެސްޓުތައް ހެދި ހެދުމުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ސައުދީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 21 އަށް އަރާފައި ވާއިރު، މިއީ މައްކާއިން މި ރޯގާގެ އަސަރު ފެނުނު ފުރަތަމަ ފަހަރެވެ.

ސައުދީ އަރަބިއްޔާއިން ވަނީ މާތްވެގެންވާ މަސްޖިދު އަލް-ޙަރަމްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެ މިސްކިތުގައި ހުރި ޓަޗް ސްކްރީންތައް އޮޕަރޭޓްކުރުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. މިސްކިތަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ މައުލުމާތު ފޯރުކޮށްދިނުމަށް ފިކްސްޑް-ސްކްރީން ހަރުކޮށްފައި ވާއިރު "ދެ ހަރަމުގެ ކަންކަން ބަހައްޓާ އޮފީސް" ގެ ޕޯޓަލްއިން މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މަސްޖިދު އަލް-ޙަރަމް ސެނިޓައިޒް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދުވެސް އިއްޔެގެ ވަގުތެއްގައި ވަނީ އިތުރު ކޮށްފައެވެ. އެގޮތުން 3 ޝިފްޓަކަށް ބަހާލައިގެން 450 އެއްހާ މުވައްޒަފުން ސެނިޓައިޒޭޝަން މަސައްކަތުގައި މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށް ޚަބަރު ލިބެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފުރަތަމަ ފަހަރަށް ޗައިނާއިން ފެނުނު ކޮވިޑް-19 މެދުއިރުމަތީގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރު ސައުދީއިން ވަނީ އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން އުމްރާގެ އަޅުކަން މިވަގުތަށް މަޑުޖައްސާލާފައި ވާއިރު، ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުން ސައުދީއަށް ދާ ފަރާތްތަކަށް ޓޫރިސްޓް ވިސާ ދޫކުރުންވެސް އެ ގައުމުންވަނީ ހުއްޓާލާފައެވެ.