ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯއިއޭޝަން (އެމްއެމްއޭ) އިން ގޮވާލައިފިއެވެ.
އެމްއެމްއޭއިން ކުރި ޓްވީޓެއްގައި ވަނީ، މިދުވަސްވަރު އެކި ތަންތަނުގައި ބާއްވާ އެއްވުންތަކާއި އަދި ސްކޫލްތައްވެސް ވަގުތީ ގޮތުން ބަންދުކުރުމަށް ގޮވާލާފައެވެ.
މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފުވެސް ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 ފެނުމާ ގުޅިގެން އެންމެ ބުއްދިވެރި ގޮތަކީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ސްކޫލުތައް ބަންދުކުރުން ކަމަށް ވިދާޅިވެފައެވެ.
ދަރިވަރުންނަށް މިހާރު ލިބިފައިވާ މިޑްޓާމް ޗުއްޓީވެސް ނިމުމަކަށް އައިސްފައިވާ ކަމާއި މިފަދަ ދަނޑިވަޅެއްގައި ސްކޫލުތައް ހުޅުވުން ރައްކާތެރިތޯ ޓްވީޓާގައި މީހަކު ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ދެއްވާ ޑރ. ނިޔާފު ވިދާޅުވީ ބުއްދިވެރި ގޮތަކީ ސްކޫލުތައް ބަންދުކުރުން ކަމަށެވެ. ހާއްސަ ގޮތެއްގައި މަތީ ގްރޭޑުތަކާއި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަކީ ކުރެވޭނެ ކަމެއްތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށް ނިޔާފު ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން އަދި ސްކޫލުތައް ބަންދު ކުރަންޖެހޭ ހާލަތަކަށް ނުދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ އިއްޔެ ކަރަންޓީން ކުރި އެއްވެސް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވި ނަމަ ރާއްޖޭގެ މިހާރުގެ ހާލަތު ބަދަލުވެގެން ދިޔައިސް ކަމަށެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ހާލަތު އޮތީ ސްކޫލުތައް ބަންދުކުރަން ޖެހޭ ހާލަތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލުތައް ބަންދު ނުކުރި ނަމަވެސް ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ. ސްކޫލުތަކަށް އޭރު އެ އެންގުން އެޑިއުކޭޝަނުން އަންގާފައި ވަނީ ރާއްޖޭގައި ކޮވިޑް19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވަނީހެވެ.
ރާއްޖެއިން ކޮވިޑް19 އަށް 6 މީހަކު މިހާރު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން ހަތަރު ބިދޭސީއަކާއި ބަތަލާ ރިސޯޓުން ދެ ފަތުރުވެރިއެކެވެ.
ރާއްޖެއިން ކޮވިޑް ފެނުނު އިރު ފުރަތަމަ ފާހަގަވި އިޓަލީ މީހާ ވަނީ މާލެ އައިސް މާލޭގައި 2 ދުވަސް ހޭދަކޮށްފައެވެ.
މެޑިކަލް އެޝޯޝިއޭސަން އިން އަންގާގޮތަކަށް މިވަގުތު ޢަމަލުކުރުން ބުއްދިވެރި ބަޔަކު މިކަމަކީ މާ ނުރައްކާތެރި ކަމެއް ނޫންކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުނަސް މިކަމުގެ ނުރައްކާތެރިކަން ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް އެބަ ފެނޭ ދެން ވަކިވަކި ފަރުދުންގެ މާލީ ފައިދާއަށް ކޮވިޑް19 ފެތުރެމުންދާ ގައުމުތަކުން ފަތުރުވެރިން އައުން ނުހުއްޓުމަކީ ރައްޔިތުންނަށް މިކަމުގައި އިންތިހާއަށް ނުރައްކާތެރިކަން އޮތް ކަމެއް ކަން ނޭނގޭ މަޖިލީހުގެ މެމްބަރުން ރަނގަޅު ވާނީ އަނގަމަޑުން ލައިގެން ހުރިއްޔާ އޭރުން ތިމާ ބޭޒާރުނުވެ ހިނގައިދާނެ.