ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެމީހުންގެ ތެރެއިން އުމުރުން ދުވަސްވެފައިވާ މީހަކު ގާތުން ބަލަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން އެމީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަނީ އޭނާއަކީ އުމުރުން 70 އަހަރު ވެފައިވާ ދުވަސްވީ މީހަކަށް ވާތީ ކަމަށެވެ. އަދި އޭނާއާ އެކުގައި ދެން ހުރި މީހާ ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރަނީ އެއީ ދެމަފިރިން ކަމަށް ވާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެމީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގައި އެ ދެމަފިރިން ތިބޭނީ ޑީއެޗް 11 ފެސިލިޓީގައި، މި ފެސިލިޓީ އަކީ ރެސްޕިރޭޓަރީ ކަންތައްތަކަށް ސްޕެޝަލް އޮބްޒަވޭޝަން ދެވޭނެ ގޮތަށް ފަރުވާ ދެވޭނެ ގޮތަށް އިންތިޒާމު ކުރެވިފައިވާ ތަނެއް،"
މަބްރޫކު

މި ބައްދަލުވުމުގައި މިކަމުގެ އިތުރު މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑރ. މުއާޒު މޫސާ ވިދާޅުވީ އުމުރުން ދުވަސްވީ ފަތުރުވެރިޔާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސްގެން ފަރުވާ ދެނީ އޭނާގެ ހާލަތު ގޯސްވެގެން ނޫން ކަމަށެވެ. ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ޑޮކްޓަރުން ނިންމީ އޭނާގެ އުމުރަށް ބެލުމަށް ފަހު ކަމަށް މުއާޒު ވިދާޅުވިއެވެ.

ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެމީހުންނާއި ކުރެއްދޫ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލަތުވެސް މިވަގުތު ރަނގަޅު ކަމަށާއި އަދި ކަރަންޓީންގައި ތިބި މީހުންގެ ހާލަތުވެސް ރަނގަޅު ކަމަށް މުއާޒު ވިދާޅުވިއެވެ.

ބަތަލާ ރިސޯޓުން ކޮވިޑް19 ދެ މީހަކު ޕޮޒިޓިވް ވެފައި ވާއިރު އެޗްޕީއޭ އިން މިއަދު ބުނީ އެ ރިސޯޓުން އިތުރު ދެ ބިދޭސީއަކު އެކަހެރި ކުރުމަށް ފަހު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ދެ މީހުންނަކީވެސް ކޮވިޑް19 އަށް ކުރިން ޕޮޒިޓިވް ވެފައިވާ މީހަކާއި ކޮންޓެކްޓް ޓްރޭސިންގް (ވައިރަސް ހުރި މީހަކާ ބައްދަލުވެފައި ހުރުން) ވެފައި ވާ ދެމީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.