ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ކަރަންޓީން ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެރިސޯޓުން މިއަދުވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ބިދޭސީއަކުވެސް ކަރަންޓީން ކޮށްފައެވެ. ކޮވިޑް19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ކުރަމަތި އައިލެންޑް ރިސޯޓުން ކަރަންޓީން ކޮށްފައި ވާއިރު، މިރޭ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ވެސްވަނީ ބިދޭސީއަކު ކަރަންޓީން ކޮށްފައެވެ. އަދި އޭގެ އިތުރަށް ކޮވިޑް-19 އަށް ޝައްކުކުރެވޭ ދެ ބިދޭސީއަކު ވަނީ މިރޭ ސޭންޑީޒް ބަތަލާ އައިލެންޑުންވެސް ކަރަންޓީން ކޮށްފައެވެ. މި ހުރިހާ ފަރާތްތައްވެސް ކޮވިޑް-19 އަށް ޓެސްޓު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަތަލާ ރިސޯޓުން މީގެކުރިން ޝައްކު ކުރެވިގެން ކަރަންޓީން ކުރި ދެމީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެއިތިރުން ކުރެއްދޫ އައިލެންޑު ރިސޯޓުން ޕޮޒިޓިވްވި ހަތަރު މީހުންނާއި އެކުގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހަކު ވަނީ ފެނިފައެވެ.