ކޮވިޑް19 އާއި ގުޅިގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ބިދޭސީއަކު ކަރަންޓީންކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ބިދޭސީ މީހާ ކަރަންޓީން ކޮށްފައި ވަނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ކަމަށެވެ. އަދި އެމީހާ ކަރަންޓީން ކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިއާއެކު އެ ރިސޯޓަށްވެސް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއަކި ކަރަންޓީން ކޮށްފައި ވާއިރު، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ ބިދޭސީއަކު ވަނީ މިރޭ ސޭންޑީޒް ބަތަލާ އައިލެންޑު ރިސޯޓުންވެސް އެކަހެރި ކޮށްފައެވެ. އަދި އެ ދެމީހުންވެސް ކޮވިޑް 19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ބަތަލާ ރިސޯޓުން މީގެކުރިން ޝައްކު ކުރެވިގެން ކަރަންޓީން ކުރި ދެމީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެއިތިރުން ކުރެއްދޫ އައިލެންޑު ރިސޯޓުން ޕޮޒިޓިވްވި ހަތަރު މީހުންނާއި އެކުގައި ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހަކު ވަނީ ފެނިފައެވެ.

ކޮވިޑް19 ފެތުރުމާއި ގުޅިގެން މިހާރު އަރައި ފޭބުން މަނާކޮށްފައި ވާ ރަށްތަކުގެ ތެރޭގައި، ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓު، ވިލަމެންދޫ އައިލެންޑް ރިސޯޓު އަދި ކުރަމަތި މޯލްޑިވްސް އައިލެންޑް ރިސޯޓު ހިމެނެއެވެ. މިނޫން އެއްވެސް ރަށަކަށް އަރައިފޭބުން މަނާކޮށްފައި ނުވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެއެވެ.

މިހާތަނަށް 71 މީހަކު ކޮވިޑް-19 އަށް ވަނީ ޓެސްޓު ކޮށްފައެވެ. އޭގެތެރެއިން 65 މީހަކު މި ބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި 11 ފަރާތެއް ފަރުކޮޅުފުށީގައި ވަނީ ކަރަންޓީން އަދި އެކަހެރި ކޮށްފައެވެ. މި އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.