ނުރައްކާތެރި ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު، މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އާންމުން ސްޓެލްކޯއަށް ޒިޔާރަތްނުކޮށް އޮންލައިންކޮށް ބިލް ދެއްކުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަދި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތްތައް ހޯދުމަށް ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ބަދަލުގައި، އެކުންފުންޏަށް ކަސްޓަމަރުން އެންމެ ގިނައިން ޒިޔާރަތްކުރާ ކަންކަންކަމުގައިވާ ބިލް ދެއްކެވުންފަދަ ހިދުމަތްތައް ހޯދުމަށް އެކުންފުނީގެ ވެބްސައިޓާއި ،އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ދިވެހިން އަހުލުވެރިވުމަކީ ބަވަނަވެފައިމިވާ ދުނިޔޭގައި ކަސްޓަމަރަށާއި ،ހިދުމަތްދޭ ތަނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމުގައި ދެކޭކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ އިތުރުން ސްޓެލްކޯއިން ބުނީ، އެޕްލިކޭޝަން ތައްޔާރުކުރެވިފައިވަނީ ބިލްތަކުގެ ތަފްސީލުބަލާލުމާއެކު، ފަސޭހައިން ބިލް ދައްކާލެވޭ ގޮތައް ކަމަށެވެ.

އަދި ކުންފުނީގެ ހިދުމަތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ، އެކުންފުނީގެ ނަންބަރު 3314949 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ސްޓެލްކޯއިންވަނީ އެދިފައެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނިން އެދެނީ ދިވެހި ހުރިހާ ރައްޔިތުންވެސް މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން ދެމުންގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށް، ސާފުތާހިރުކަމަށް ލޯބިކުރުމާއެކު، އެކަކު އަނެކަކަށް އަޅާލާ، އެއްބައިވަންތަކަމާއެކު މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުންގެންދާނެ ބަޔަކަށްވުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުންގެންދާ އެއްބާރުލުމަށް އެކުންފުނިންވަނީ ޝުކުރު ދަންނަވާފައެވެ.