ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކު ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ފެންނާތީ އޭނާ އެކަހެރިކޮށް މޮނީޓާ ކުރަން ފަށައިފިއެވެ.
އެޗްޕީއޭ އިން ބުނީ ކުރަމަތި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން އިތުރަށް މޮނީޓާ ކުރުމަށާއި ބަލަންޖެހޭ ކަންތައް ބެލުމަށް އޭނާ އައިސޮލޭޝަން އަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެނިފައި ވަނީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައި ދެމަފިރިންގެ ތެރެއިން އެކަކުގެ ގައިން ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ރިސޯޓު ވަގުތީ ގޮތުން ބަންދުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެޗްޕީއޭ ބުނެއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 6 މީހަކު ފެނިފައިވާ އިރު ފުރަތަމަ ފެނިފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓުގެ 4 މުވައްޒަފެއް ހިމެނެއެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ކުރެއްދޫން ފުރަތަމަ ޕޮޒިޓިވް ވި ދެ މުވައްޒަފުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރާއިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ހަމަ އެއާއި އެކު އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތް އެޗްޕީއޭ އިން ބުނެފައި ވަނީ މިއަދެވެ.
ކޮވިޑް19ގެ ޕޮޒިޓިވް ކޭސް އައުމާ ގުޅިގެން މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންނެވެ. ކުރެއްދޫ ރިސޯޓުގައި މިވަގުތު ޖުމްލަ 699 ފަތުރުވެރިން ތިބިއިރު، މުވައްޒަފުންގެ ގޮތުގައި ޖުމްލަ 738 މުވައްޒަފުން އެބަ ތިއްބެވެ. އެއީ ރިސޯޓުގެ ދިވެހި މުވައްޒަފުންގެ ގޮތުގައި 281 މީހުނާއި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 457 މީހުންނެވެ.
ރާއްޖެ މިހާރު މި ވަނީ ޔެލޯ އެލާޓަށް މަތިވެފައެވެ. ހަމައެއާއެކު ސޭންޑިން ބަތަލާ ރިސޯޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވުމުން އެ ދެ ރިސޯޓް ވަނީ އޮރެންޖް ލެވެލްއަށް މަތިކޮށްފައެވެ. މި ސްޓޭޓަސްގައި އެ ދެ ރިސޯޓުގެ އިތުރުން ވިމަލެންޑޫއާއި ކުރަމަތި އައިލެންޑް ރިސޯޓަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.