ކޮވިޑް19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ހުރި މާގިރި ހޮޓާ ޑިސްއިންފެކްޓު ކުރަނަ، އެތަން ވަގުތީގޮތުން ބަންދުކޮށްފިއެވެ.
މާގިރި ހޮޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ހޮޓަލުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އެއީ ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށާއި ކޮވިޑް19 ގެ "އިންކިއުބޭޝަން ޕީރިއަޑް" އަށްފަހު މުޅި ހޮޓަލުގެ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށް ކަމަށެވެ. އަދި މި މަހުގެ 16 ވާ ހޯމަދުވަހު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް ވެސް އެ ހޮޓަލުން ވަނީ ބުނެފައިވެއެވެ. މީގެ އިތުރުން މާގިރި ހޮޓަލުން ވަނީ އެތަން ވަގުތީގޮތުން ބަންދުކުރުމުގެ ސަބަބުން ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދިފައިވެއެވެ.
ކުރެއްދޫ އައިލެންޑު ރިސޯޓުގައި ހުރި ފަތުރުވެރިޔަކު ފުރައިގެން ދިއުމަށް ފަހު އޭނާ ކޮވިޑް19 އަށް ޕޮޒިޓިވް ކަން އެނގައިފައި ވާއިރު، އެ ރިސޯޓުގައި ތިބި ހަތަރު މީހަކު މިހާރު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެއިން ފުރަން އެއާޕޯޓަށް ގޮސް ނުފުރިގެން ވަނީ މާލެ އައިސްފައެވެެ. އަދި މާޗު އެއް ވަނަ ދުވަހާއި ދެވަނަ ދުވަހު އޭނާ މާލޭގައި މަޑުކޮށްފައި ވަނީ މާގިރި ހޮޓެލްގައި ކަމަށްވެސް ސަރުކާރުންވަނީ ބުނެފައެވެ. ވަގުތީ ގޮތުން ހޮޓެލް ބަންދުކޮށްފައި ވާއިރު އެ ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަނަށް ދާން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.
ފަތުރުވެރިޔާ މާލޭގައި ހުރި އިރު ޓިކެޓު ނަގަން އެމިރޭޓްސްގެ އޮފީހަށް ދިޔަ ކަމަށާއި ޓިކެޓިން އޮފީހުން އޭނައާ ކޮންޓެކްޓުވި މުވައްޒަފުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނިގެން އޭނާގެ ޓެސްޓު ހެދުމުން އެ ވައިރަހަށް ނެގެޓިވް ކަމަށް އެޗްލީއޭއިން ވަނީ ބުނެފައެވެ. އިޓަލީގެ އެ ފަތުރުވެރިޔާ ބަލިވެގެން އެންމެ ފުރަތަމަ ދެއްކީ އެ ރިސޯޓުގައި ހުންނަ ޑޮކްޓަރަކަށް ކަމަށާއި އެ ޑޮކްޓަރު ކޮރޯނާ އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސް ހެދި ޓެސްޓުތަކުން އޭނާ ވެސް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށްވެސް އެޗްޕީއެއިން ވަނީ ބުނެފައެވެ.