ޔުނިވާސަލްގެ އެމިރޭޓްސް ޓިކެޓިން އޮފީހުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު ސްޓާފާއި، ށ. ފޯކައިދޫން ޝައްކު ކުރެވުނު 2 މީހުންނާ އެކު ޖުމްލަ 3 މީހުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ

އެޗްޕީއޭން ބުނީ، މި ތިން މީހުންގެ ޓެސްޓު ނަތީޖާ މިއަދު ލިބިފައި ވާއިރު، އެ ތިން މީހުން ވެސް ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައި ކަމަށެވެ.

ފަރުކޮޅުފުށީގައި ތިބި މި 3 މީހުން ކޮވިޑް-19 އަށް ނެގެޓިވް ވެފައި ވާއިރު، މިއަދު ހެނދުނު އދ. ވިލަމެންދޫން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން މީހެއްގެ ޓެސްޓު ހެދުމުގެ މަސައްކަތް އެޗްޕީއޭން ދަނީ ކުރަމުންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ހަމައެކަނި ކުރެއްދޫ އައިލެންޑް ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތު ދެއެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.