ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ރާއްޖެއިން ފެނުމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑި މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާވެދާނެ ކަމެއް ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި، ހޮސްޕިޓަލުގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، އެޅި ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ބަލި މީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި ބަލި މީހާ އާއެކު އެއް އެހީތެރިއަކަށް މަޑުކުރެވިދާނެ ކަމަށާއި އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، އެނޫން އެހެން ކަންކަމުގައި ވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހުލުމާލެ ހޮސްޕިޓަލުގެ އިތުރުން، އޭޑީކޭގެ އަދި އައިޖީއެމްއެޗުންވެސް އިއްޔެ ވަނީ އެ ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދޭ މީހުންނަށް ޒިޔާރަތްކުރާ ގަޑި ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ހަ މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އެމީހުންނަށް ދަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ފަރުވާދެމުނެވެ. އަދި ރާއްޖޭގެ އެލާޓް ލެވެލް ވަނީ ޔެލޯއަށް މަތިކޮށްފައެވެ.