އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު އެ ރިސޯޓުން ފެނުމާއެކު، މޮނިޓާ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިން" ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށެވެ.

ވިލަމެންދޫން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން މީހެއްގެ ޓެސްޓު ހެއްދުމުގެ މަސައްކަތް ކުރަމުން ދާއިރު، މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ. ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ހަމައެކަނި ކުރެއްދޫ އައިލެންޑް ރިސޯޓް ކަމަށް އެޗްޕީއޭން މައުލޫމާތުދެއެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.