ވިލާތު ބައްރުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އިޓަލީވިލާތުގައި އިއުލާންކޮށްފައިވާ ކުށްލި ނުރައްކަލުގެ ހާލަތުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މުޅި ގައުމު ލޮކްޑައުންކޮށްފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އިޓަލީވިލާތުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު ދަތުރުފަތުރު ކޮށް އުޅުމާ، އާންމުން އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

ބޮޑުވަޒީރު ޖޫޒެއްޕެ ކޯންތެ ވަނީ ހުރިހާ އެންމެންވެސް ގޭތެރޭގައި ތިބުމަށާ، ބޭރަށް ނިކުންނަން ކޮންމެހެން ޖެހިއްޖެނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދައެއް ހޯދައިގެން މެނުވީ ބެރަށް ނުނިކުތުމަށް އަމުރު ކުރައްވާފައެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ކޯންތެ ވިދާޅުވީ ދެން އިތުރު ވަގުތެއް ނެތް ކަމަށާ، މި ފިޔަވަޅުތަކަކީ، ނުރައްކާ އެންމެ ބޮޑުވެފައިވާ މީހުންގެ ސަލާމަތަށްޓަކައި ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.

ފާއިތުވީ 24 ގަޑިއެއްހާއިރަށް ބަލާއިރު ހޯމަ ދުވަހު އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވެގެން މަރުވި މީހުންގެ އަދަދު ވަނީ 366 އިން 463 އަށް އިތުރުވެފައެވެ. ރަސްމީ ރެކޯޑްތައް ދައްކާ ގޮތުން އާދީއްތަ ދުވަހާ އަޅާ ބަލާއިރު ހޯމަ ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24 ޕަސެންޓް އިތުރުވެފައެވެ.

20 ސަރަހައްދަކަށް ބައިކޮށްފައި އޮންނަ އިޓަލީވިލާތުގެ ހުރިހާ ސަރަހައްދަކުންވެސް ކޮވިޑް-19ގެ އަސަރު ފެނިފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އިޓަލީވިލާތުން ވަނީ އެގައުމުގައި ރޭގަނޑު ގަވައިދުން އޮންނަ ޕާޓީތައްވެސް ނުބޭއްވޭނެކަން ހާމަކޮށްފައެވެ. އަދި ކުޅިވަރު މުބާރާތްތަކާ، މުނިފޫހިފިލުވުމުގެ ހުރިހާ ހަރަކާތްތަކެއްވެސް ކެންސަލްކޮށްފައެވެ.

ހަރުކަށި ލޮކްޑައުންއަކަށް އިޓަލީވިލާތުގެ ހާލަތު ބަދަލުކޮށްފައިވާއިރު ދަތުރުފަތުރުކޮށް އުޅުމުގެ ހުއްދަ ދޫކޮށްފައިވާ ހަމައެކަނި މީހުންނަކީ ވަޒީފާގެ ބޭނުމަށް ކޮންމެހެން ފުރަންޖެހޭ މީހުންނާ، އާއިލީ އެކި ސަބަބުތަކާ ހެދި މަޖުބޫރީ ހާލަތުގައި ފުރަންޖެހޭ މީހުންނެވެ. ރޭލު ސްޓޭޝަންތަކުގައި މީހުންގެ ހަށިގަނޑު ފިނިހޫނުމިން މޮނިޓާ ކުރަމުންދާއިރު، އިޓަލީވިލާތުގައި ކުރޫޒްލައިނާތައް ބަނދުކުރުންވެސް ބައެއް ޕޯޓުތަކުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ގައިދީން ހިތްހަމަނުޖެހުމުން ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: އީޕީއޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި އިޓަލީވިލާތުންވަނީ ޖަލު ގައިދީންނަށް ދެމުންދިޔަ އާއިލީ ބައްދަލުވުންތައް ނުބޭއްވޭ ގޮތަށް ހަމަޖައްސާފައެވެ. މިކަމާ ގުޅިގެން ގައިދީން ހިންގި ހަމަނުޖެހުންތަކުގައި 7 ގައިދީއެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ޖަލުގައި ތިބެ، މަސްތުވާތަކެތި ހޯދަން ބޭނުންވެ، އެ ނުލިބުމުގެ ސަބަބުން ޖަލު ހޮސްޕިޓަލު ފަޅާލައިގެން ބޭސްތަކެއް ނަގާ، އެ ބޭނުންކުރި 2 ގައިދީއަކު އޯވާޑޯޒްވެގެން މަރުވި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބޮޑުވަޒީރު ކޯންތެ ވިދާޅުވީ މި ނިންމުންތަކަކީ ހުރިހާ އެންމެންގެ ލާބައަށްޓަކައި ނިންމި ނިންމުންތަކެއް ކަމަށާ، ގައުމަށްޓަކައި ކޮންމެ މީހަކުވެސް މިކަން ކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މުޅި އިޓަލީވިލާތް މިހާރު އޮތީ ހިމާޔަތްކުރެވިފައި ކަމަށްވެސް ކޯންތެ ވަނީ ވިދާޅުވެފައެވެ.