މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން އަލަށް ފެނުނު ކޮރޯނާވައިރަށް ޑިޒީޒް (ކޮވިޑް-19)ގެ އަސަރުތައް މީހެއްގެ ހަށިގަނޑުން އާންމުކޮށް ފެންނަން ފަށަނީ، އެ ވައިރަހަށް އެމީހަކު ހުށަހެޅޭތާ ގާތްގަނޑަކަށް 5 ވަރަކަށް ދުވަސް ފަހުން ކަމަށް ދާދި ފަހުން އާންމުކުރި ދިރާސާއެއް ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މި ދިރާސާ އާންމުކޮށްފައިވަނީ އެނަލްސް އޮފް އިންޓާނަލް މެޑިސިން ޖާނަލްގައެވެ.

ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު އޭގެ ނިޝާންތައް ފެންނަން ފެށުމާ ދެމެދުހޭދަވާ މުއްދަތަކީ 28 ދުވަސް ކަމަށް ދާދި ފަހުން އަޑުފެތުރުނު ކަމުގައި ވީ ނަމަވެސް މި ދިރާސާއިން ދެނީ ތަފާތު މެސެޖެކެވެ. މި ދިރާސާ ބުނާ ގޮތުގައި ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑްއަކީ، ސިއްހީ އޮފިޝަލުން އެންމެ ކުރީއްސުރެ ކަނޑައަޅާފައި އޮތް 14 ދުވަހުގެ މުއްދަތު ކަމަށް ބެލިދާނެއެވެ. ސިއްހީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑްގެ ގޮތުގައި ބަލަނީ 14 ދުވަހެވެ.

2019-އެންކޯވް ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވޫހާން ސިޓީގައި އެމްބިއުލާންސްއަކުން ބަލި މީހަކު ބޭލުމަށް ސިއްހީ އޮފިޝަލުން އެހީތެރިކަން ފޯރުކޮށްދެނީ/ފޮޓޯ: އީޕީއޭ

މި ދިރާސާ އެކުލަވާލި ފަރާތުން ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑް ދެނެގަނެފައިވަނީ މި ބަލި ހަލުވިކަމާއެކު ފެތުރެމުން ނުދާ ސަރަހައްދުތަކުގެ ތެރެއިން، ދަތުރުވެރިންގެ ފަރާތުން ބަލި ޖެހިފައިވާ މީހުން ފެންނަ ސަރަހައްދުތަކުން އެއްކުރި މައުލޫމާތަށް ބިނާކޮށެވެ.

މި ދިރާސާއަކީ ކޮވިޑް-19ގެ ރޯގާ ފެންމަތިވެގެން އައި ދުވަސްވަރު، އެކުލަވާލި ތަފާސް ހިސާބުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ދިރާސާއެއް ކަމުން، މި ދިރާސާ ކުރި ދުވަސްވަރު ބަލީގެ ފެށުމާ ބަލި ފެތުރުން ގުޅިފައި އޮތް ހަމައެކަނި ސަރަހައްދަކީ ޗައިނާގެ ވޫހާން ސިޓީއެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ މުއްދަތު ބަލާފައިވަނީ އެމީހަކު ވޫހާންގައި ހުރި ދުވަސްވަރަށް ބަލައިގެންނެވެ. ވޫހާންގައި އެމީހާ ހުރި ދުވަހާ، ނިޝާންތައް ފެންނަ ފެށުމާ ދެމެދު ހޭދަވީ މުއްދަތަށް ބަލާއިރު 5 ވަނައަށް ވާ ދުވަހު އަލާމާތްތައް ފެންނަން ފަށާކަމަށް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އަދި 12 ދުވަހަށްވުރެ ފަހުން އަލާމާތްތައް ފެނުން ނާރިދުކަމަށްވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް އެއީ މުޅުން ނުވާނެ ކަމެއް ނޫންކަމަށާ، އެހެނީ ދިރާސާގައި ބޮޑަށް ސަމާލުކަން ދީފައިވާނީ ހާލަތު ސީރިއަސް ޕޭޝަންޓުންނަށް ކަމަށް ވެފައި، ބަލީގެ އަސަރު އެހާ ބޮޑަށް ނުފެންނަ ޕޭޝަންޓުންނަށް އިންކިއުބޭޝަން މުއްދަތު 12 ދުވަހަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

ކޮވިޑް-19ގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދިވެސް ހޯދިފައެއް ނުވެއެވެ. އަދި އެބައްޔަށް ފަރުވާއެއް ނުވަތަ ބަލިން ދިފާއުވާނެ ވެކްސިންއެއްވެސް އަދި އިންސާނުންގެ އަތަށް އަރާ ވަރެއް ނުވެއެވެ. ކޮވިޑް-19 ވައިރަހަކީ ބަދަލުވަމުންވެސްދާ ވައިރަހެކެވެ. އެގޮތުން ވައިރަހުގެ ބާރު އިތުރަށް ވަރުގަދަވާ ބީދައަކުން އޭގެ އަސްލު ބަދަލުވެ، އެއްފަހަރު ކޮވިޑް-19 ޖެހި، ބަލި ފަސޭހަވެފައިވާ މީހުންނަށް ދެވަނަ ފަހަރަށްވެސް އެ ވައިރަހުގެ އަސަރު ކުރާ ކަމުގެ ރިޕޯޓްތައް މިހާރު ވަނި އާންމުވެފައެވެ.